Thursday, November 5
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެފަރާތްތަކުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން މިއަދު ހުޅުވާލައިފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް، މުޖުތަމައުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ދެވޭ މުހިންމު އެވޯޑެކެވެ.

މި އަހަރު އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި އެވޯޑު ދޭނެ އަދަދުތަކަކީ:

  • ނުކުޅެދުންތެރިކަން ހުންނަ މީހުން (3 ފަރާތް)
  • ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ވަކި އަދަދެއް ކަނޑައެޅިފައެއް ނުވޭ)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ - ސަރުކާރު އަދި އަމިއްލަ (2 ފަރާތް)
  • ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ (1 ފަރާތް)
  • ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)
  • އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވާ ކުންފުނިތައް - ސަރުކާރު އަދި އަމިއްލަ (2 ފަރާތް)

މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އެވޯޑު ލިބޭ ފަރާތްތައް ހޮވާނީ މިނިސްޓްރީން އެކުލަވާލާ ޚާއްޞަ ކޮމިޓީއަކުންނެވެ.

އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރި އެޕްލިކޭޝަން ފޯމާއެކު، ވަނަވަރު، އައި.ޑީ.ކާޑު ކޮޕީ، މަސައްކަތުގެ ސައްހަކަން އަންގައިދޭ ލިޔުންތަކާއި ދެ ބޭފުޅެއްގެ ހެކިބަސް ހިމެނޭ ލިޔުން ހުށަހަޅަންޖެހެއެވެ. އެވޯޑުގެ އުސޫލާއި މާކްސް ދޭނެ މިންގަނޑުތައް މިނިސްޓްރީގެ ވެބްސައިޓުންނާއި އުމަރު ޒާހިރު އޮފީސް ބިލްޑިންގގެ ކައުންޓަރުން އަދި އަތޮޅުތަކުގެ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އެވެ. ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު