މާލޭގެ ވިޔަފާރި ބަނދަރު، ޖާގަ ބޮޑު އަދި ވަސީލަތްތައް ފުރިހަމަ ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި ތިލަފުއްޓަށް ބަދަލުކޮށް، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވިޔަފާރި ބަނދަރުގެ 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައެވެ. އަދި ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރު އުފުލުން މާލޭގެ އެތެރޭގެ ދަތުރުފަތުރަށް ދަތިނުވާގޮތަށް ކުރިއަށްދާނެ ކަމަށާއި، ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށް ހާމަކުރެއްވިއެވެ. މީގެ އިތުރުން، އިންސެންޓިވް ދީގެން ތިލަފުއްޓާއި އިންޑަސްޓްރިއަލް ވިލެޖުގައި ފިހާރަތައް ހުޅުވުމުގެ ފުރުސަތު އަމިއްލަ ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގެ މަގުހެދުމާއި އުމްރާނީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމްޕީއެލްއިން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތާއެކު، ލޯންޗުފަހަރަށް ލަފާފުރުން ފަސޭހަކުރުމަށް އިތުރު ފިންގަރ ޖެޓީތައް ގާއިމުކުރެވޭނެ ކަމަށެވެ.
މިނިވަން ދުވަހުގެ ޚިޠާބަށް ރައްދުވި ފާޑުކިޔުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އެ ދުވަހު ދެއްކެވި ވާހަކަފުޅަކީ މާޒީގައި ކަންކަން ހިންގާފައިވާ ގޮތާއި، އެކަންކަން އިސްލާހުކުރަން ކުރާ މަސައްކަތާއި ކުރިއަށް ހުރި ޕްލޭންތައް ހާމަކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު ދެއްކެވި ވާހަކަފުޅުތަކެއް ކަމަށާއި، ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ތަފާސްހިސާބުތަކުން ފެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



