އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރުމަށް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބީލަމަށް ހުޅުވާލާފައެވެ. ބައިނަލްއަގުވާމީ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި މަޝްރޫއުގެ ދަށުން، ރޮބޮޓިކް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން، އެ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމާއި މެއިންޓަނަންސްގެ މަސައްކަތްވެސް ކުރަންޖެހޭނީ ބީލަން ކާމިޔާބުކުރާ ފަރާތުންނެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ.
މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ކޮމްޕިއުޓަރު ކޮންސޯލެއް މެދުވެރިކޮށް، ކެމެރާއާއި ތަފާތު އާލާތްތައް ހަރުކޮށްފައިވާ ރޮބޮޓިކް އަތްތަކެއް ކޮންޓްރޯލްކޮށްގެން އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުން ކަނޑަންޖެހޭ ތަން ކުޑަވެ، ލޭ ފައިބާ މިންވަރާއި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި އޮޕަރޭޝަނަށްފަހު ބަލިމީހާ އަވަހަށް ރަނގަޅުވުމުގެ އިތުރުން، ތްރީޑީ ކެމެރާގެ އެހީގައި އެތެރެހަށީގެ ގުނަވަންތައް ސާފުކޮށް ފެންނަން ހުރުމުން ކެންސަރާއި ހިތުގެ އޮޕަރޭޝަންތައް ފަދަ ނާޒުކު އޮޕަރޭޝަންތައް ކުރުމަށް ޑޮކްޓަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.



