ހުޅުމާލޭގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް 3 ގެ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ދައްކާފައި ހުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 03:23 އެހައިކަންހާއިރު ކަމަށެވެ.
"މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ." ފުލުހުން ބުންޏެވެ.
ދަންވަރުގެ ވަގުތެއްގައި ވިނަރެސްގެ ޓަވަރެއްގެ ބޭރުގައި ހުރި ސްކްރީނަކުން އަންހެނެއްގެ ބަރަހަނާ މަންޒަރު ދެއްކި ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ފޮޓޯގައި ލިޔެފައިވާ ގޮތުން އެކަން ކޮށްފައިވަނީ ސިސްޓަމް ހެކްކޮށްގެންނެވެ.
ރާއްޖޭގައި ބަރަހަނާ ތަކެތި އުފެއްދުމާއި، އިމްޕޯޓްކުރުމާއި، ވިއްކުމާއި، ފެތުރުމަކީ މަނާ ކުށެކެވެ. އެ ކުށަށް ނުވަ މަހާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ.






