މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ތެރެއިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއް ކަނޑައަޅައި، ރަސްމީ ޙައްޖު ކިޔޫގައި ބައިވެރިވެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާޙުތަކާއެކު، ސަރުކާރުގެ ޙައްޖު ކުންފުނީގެ ހަވާލުގައި ޙައްޖަށް ދާން އެދޭ މީހާ ދައްކަންޖެހޭ ޖުމްލަ އަގުގެ 20 އިންސައްތަ އަމިއްލައަށް ދެއްކުމުން، ބާކީ 80 އިންސައްތަ ފައިސާ އެމީހެއްގެ ޕެންޝަން ސޭވިންގްސް އެކައުންޓުން ހަމަޖައްސައިދީ ތަރުތީބުން ޖާގަ ރިޒާވްކުރެވޭނެއެވެ.
މި ފުރުސަތުގެ ބޭނުން ހިފޭނީ މީގެ ކުރިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކަށެވެ. އަދި އެމީހެއްގެ ޕެންޝަން ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުރުމާއެކު، ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު މަދުވެގެން 2,000 ރުފިޔާ ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރަށް ފަންޑުގައި ފައިސާ ހުންނަންޖެހެއެވެ. މީގެ އިތުރުން ގެދޮރު ގަތުމުގެ ޑައުންޕޭމަންޓަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްފައިވާނަމަ، ބަލާނީ އެ ފައިސާ އުނިކުރުމަށްފަހު ބާކީ ހުންނަ އަދަދަށެވެ.
މި އިންތިޒާމާ ގުޅޭ ގަވާއިދުތަކާއި އިދާރީ މަސައްކަތްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޕެންޝަން އޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަން ތަންފީޒުކުރުމަށްޓަކައި ޕެންޝަން އޮފީހާއި ޙައްޖު ކޯޕަރޭޝަނާ ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. މި އިޞްލާޙަކީ 2019 ވަނަ އަހަރުން ފެށިގެން އޮތް %80 ފައިސާ ދޫކުރުމުގެ އުސޫލަށް ގެނެވުނު އިތުރު ފަސޭހައެއް ކަމަށްވާއިރު، މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ޕެންޝަން ފައިސާގެ އެހީގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމެވެ.



