ޓައިވާނުގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑާއި އާންމު އުޅަނދުފަހަރުގެ ހަރަކާތްތައް ޗައިނާއިން ކުއްލި ގޮތަކަށް އިތުރުކޮށްފިއެވެ. ސަލާމަތީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޓައިވާން ބޭރު ދުނިޔެއާ އެކަހެރިކޮށް، ވަށާލުމަށް ނުވަތަ ބްލޮކޭޑެއް ހިންގުމަށް ޗައިނާއިން ވަމުންދާ ތައްޔާރީތަކެކެވެ.
ފާއިތުވި ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ޗައިނާގެ ކޯސްޓްގާޑުން ވަނީ ޓައިވާނުގެ އިރުމަތީ ފަރާތުގައި "ގާނޫނު ތަންފީޒުކުރުމުގެ" ނަމުގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އާންމުކޮށް ޗައިނާއިން ޓައިވާން ސްޓްރެއިޓް ބަލަހައްޓަމުން ދިޔަނަމަވެސް، އިރުމަތީ ކަނޑުގެ ސަރަހައްދުގައި މިގޮތަށް ފޯރިމެރުން ފުޅާކުރި މިއީ ފުރަތަމަ ފަހަރެވެ. މި ހަރަކާތުގެ ދަށުން، އެ ސަރަހައްދުން ދަތުރުކުރާ އާންމު ވިޔަފާރި އުޅަނދުފަހަރަށް ރޭޑިއޯ މެދުވެރިކޮށް ގުޅައި، އެ އުޅަނދުތައް އަންނަ ގައުމާއި ދާ މަންޒިލްތަކުގެ މައުލޫމާތު ހޯދަމުންދާ ކަމަށް ޓައިވާނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ޗައިނާގެ މި އަމަލުތަކާ ގުޅިގެން އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފްރާންސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ސަރަހައްދީ ހަމަޖެހުމަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ މިއީ ސަރަހައްދީ ހަމަޖެހުން ނަގާލާ ފަދަ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ.
މާހިރުން ބުނާ ގޮތުގައި، މެދުއިރުމަތީގެ މަޝްރަހާއި އިރާނުގެ ހަނގުރާމައަށް އެމެރިކާގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅުބަލައި، ޗައިނާއިން މިދަނީ ޓައިވާން ވަށާލައި އެކަހެރިކުރުމުގެ ފުރުސަތުގެ ބޭނުން ހިފަމުންނެވެ.
މި ލިޔުން ކިޔާލުމުން



