ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމާ ގުޅޭގޮތުން ސްޓޭޓްފާމާ އިން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ އާއެކު މަޝްވަރާކޮށްފިއެވެ.
ސްޓޭޓްފާމާއިން ބުނި ގޮތުގައި، މިދިޔަ މަހު 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދަން ކުރި އިއުލާނުން މި ދާއިރާއިން ތަމްރީނުވެފައިވާ ދިވެހިން މަދުކަން ވަނީ ފާހަގަކުރެވިފައެވެ. އެއާއެކު، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ފާމަސީ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ. އަދި މިހާރު މަސައްކަތްކުރަމުންދާ ފާމަސިސްޓުންނަށް ހާއްސަކޮށްގެން ރިފްރެޝާ ކޯހެއް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ރާއްޖެއަށް ބޭހާއި މެޑިކަލް ސަޕްލައި އެތެރެކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އުފެއްދި ސްޓޭޓްފާމާއިން ވަނީ، ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ފާމަސީތައް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.



