ކ. ތިލަފުށީގައި ހުންނަ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލެ ސަރަހައްދުން ކުނި ނަގާ މިންވަރު ވެމްކޯއިން މަދުކުރުމުން މާލޭގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ މާލޭ ސިޓީ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ވެމްކޯއަށް ހުށަހަޅައިފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެއާއެކު ތިލަފުއްޓަށް ކުނި ނުގެންދެވޭތާ 10 ވަރަކަށް ދުވަސްވެ، ކައުންސިލުން ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށާއި، މަގުތަކާއި މައިޒާންތަކުން ނަގާ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް ނެތުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ކައުންސިލަރުން ވަނީ ވެމްކޯއަށް ގޮސް އެ ކުންފުނީގެ އެޗްއާރު ޖެނެރަލް މެނޭޖަރު މުޙައްމަދު ޝާންއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށާއި، މި ހަފުތާ ނިމުމުގެ ކުރިން ތިލަފުށީ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ޝާން ވަނީ ދެއްވާފައެވެ.
ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އާންމު ސިއްހީ ބޮޑު މައްސަލައަކަށް ބަދަލުވެދާނެއެވެ. އަދި ކަނޑައެޅި މުއްދަތުގައި މައްސަލަ ހައްލު ނުވެއްޖެނަމަ އަލުން ވެމްކޯއަށް ދާން ނިންމާފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ. މާލެ ސަރަހައްދުގައި ދެ ލައްކައަށްވުރެ ގިނަ މީހުން އުޅެމުންދާއިރު، ދުވާލަކު 1,200 ޓަނުގެ ކުނި ތިލަފުއްޓަށް އުކާލެވެއެވެ.



