ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ކަންކަމަށް ކަނޑައަޅައި ކުއްޔަށް ދިނުމާ ބެހޭ އާ ގާނޫނެއް އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު ނަމްބަރު 20/98 ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު އުވާލައި، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށް ދިނުމުގެ އިތުރުން ވަކި ބޭނުމަކަށް ކަނޑައެޅިފައިނުވާ ރަށްރަށް ވަރުވާއަށް ލިޔެދިނުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.
މި ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ފަޅުރަށްރަށް ކަނޑައެޅޭނީ ފަތުރުވެރިކަމާއި، ސިނާއީ، މަސްވެރިކަން، ދަނޑުވެރިކަން، އިގްތިސާދީ އެހެން ބޭނުންތައް، އިޖުތިމާއީ، ދައުލަތުގެ ބޭނުން، އެހެން ގާނޫނެއްގައިވާ ހާއްސަ ބޭނުންތައް އަދި ވަރުވާއަށް ދޫކުރެވޭ ރަށްރަށުގެ ގޮތުގައި ޖުމްލަ ނުވަ ބޭނުމަކަށެވެ. ނަމަވެސް ފަޅުތައް އެކަށައެޅޭނީ ދަނޑުވެރިކަމާއި އިޖުތިމާއީ ބޭނުންތައް ފިޔަވައި އެހެން ކަންކަމަށެވެ. އަދި ފަތުރުވެރިކަމާއި ސިނާއީ ބޭނުމަށް އެކަށައަޅާ ރަށްތައް ފިޔަވައި ކައުންސިލްތަކުގެ އިހްތިސާސްގައިވާ ފަޅުރަށްރަށް އެކި ބޭނުންތަކަށް ކަނޑައަޅާނީ އެ ރަށެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.
މި ގާނޫނުގެ ދަށުން ފަޅުރަށެއް އާންމުކޮށް ކުއްޔަށް ދެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ގަވާއިދު ހުއްދަކުރާ ނަމަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވާއިރު، ޖުމްލަ 50 އަހަރާ ހަމައަށް ކުލީގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރުވެސް ލިބިގެންވެއެވެ. މީގެ އިތުރުން ރަށެއް އެކުގައި ނުވަތަ އެ ރަށެއްގެ ވަކި ބައެއްވެސް ކުއްޔަށް ދެވިދާނެއެވެ. ވިޔަފާރި ބޭނުމަށް ރަށްރަށް ކުއްޔަށް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނާޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ރީ-ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ. އަދި އެނޫން ބޭނުންތަކަށް ދިވެހި މުއައްސަސާތަކާއި ޖަމްއިއްޔާތަކަށްވެސް ދޫކުރެވޭނެއެވެ.
ކުލި ނެގުމަށް ބިލުގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ފަޅުރަށަކުން ސިނާއީ އަދި އިގްތިސާދީ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުމަށް 2 ރުފިޔާ ނެގޭނެއެވެ. ފަޅުގެ ކުލީގެ ގޮތުގައި ސިނާއީ އަދި އިގްތިސާދީ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ ނެގޭއިރު މަސްވެރިކަމަށް ނެގެނީ އަކަމީޓަރަކަށް 50 ލާރިއެވެ. ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް އަދި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި، 100 މިލިއަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓް ހިމެނޭ ލާޖް ސްކޭލް އިގްތިސާދީ މަސައްކަތްތަކުގެ އިތުރުން އެކުއާކަލްޗާގެ ހަރަކާތްތަކަށެވެ. އެންމެ ފަހުން، މި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް 500,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރުވެސް ބިލުން ކަނޑައަޅާފައިވެއެވެ.



