ފިލިޕީންސްގެ މެނީލާގައި ބާއްވާ ފިލިޕީން ޖޫނިއަރ އިންޓަރނޭޝަނަލް ސީރީޒް 2026 ގައި ވާދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އުންމީދީ ފަސް ބެޑްމިންޓަން ކުޅުންތެރިން މިއަދު ފުރައިފިއެވެ.
އޮގަސްޓް 4 އިން 9 އަށް ކުރިއަށްދާ، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން އިން އިންތިޒާމުކުރާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ޔަލްވީ ޙުސައިން ޒުހުރީ، އަޙްމަދު ފަލާޙް ފާރޫޒާން، އިޒްޔާން އަޙްމަދު ސަޢީދު، ލައިބާ އަޙްމަދު މަޚްލޫފް އަދި ރިޝާމް ޢަބްދުލްފައްތާޙް އެވެ. މި ކުޅުންތެރިން ވާދަކުރާނީ 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓަގަރީތަކުގައެވެ.
މުބާރާތުގެ ކުރިން ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކޮށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ޓީމުން ފިލިޕީންސްގައި ހަތް ދުވަހުގެ ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބެޑްމިންޓަން އޭޝިއާ ކަލަންޑަރުގައި ހިމެނޭ މި މުބާރާތަކީ އޭޝިއާގެ އެންމެ މޮޅު ޒުވާން އެތުލީޓުން ވާދަކުރާ އަދި ޖޫނިއަރ ރޭންކިންގް ޕޮއިންޓް ލިބޭ މުހިންމު މުބާރާތެކެވެ. މިއީ ދިވެހި ކުޅުންތެރިންގެ ތަޖުރިބާ އިތުރުކޮށް، ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.



