ސައުދީ އަރަބިއްޔާގެ ދެ ހަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ މަންދޫބެއްގެ ގޮތުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕްރިންސް މަންޞޫރު ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ބާއްވަވާފައެވެ. އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ޕްރިންސިޕަލް ސެކެޓްރީ އޮފް ޕްރެސިޑެންޓް އިން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ.



