ގދ. ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅުރަށަކުން ގަވާއިދާ ހިލާފަށް ވެލި ނަގަމުންދަނިކޮށް، އެކަން ހުއްޓުވައި އެ މީހުން ނެގި ވެލިތައް އަނބުރާ އެ ރަށުގެ ގޮނޑުދޮށަށް އަޅުވައިފިއެވެ. މި ހާދިސާގެ ވީޑިއޯއެއް ފަރެސްމާތޮޑާ ކައުންސިލުން ފޭސްބުކްގައި އާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ބޮޑު ދޯންޏަކަށް ބަރުކޮށްފައި ހުރި ވެލި ބަސްތާތައް އަނބުރާ ރާޅުޖަހާ ހިސާބު ގޮނޑުދޮށަށް އަޅައި ހުސްކުރަމުންދާ މަންޒަރެވެ.
އެ ފަޅުރަށުން ގަވާއިދާ ހިލާފަށް ވެލި ނަގާކަން ކައުންސިލްގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ފިޔަވަޅު އަޅައި އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުން ވެލި ނެގުމުގެ ސަބަބުން އެ ރަށުގެ ފަޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަޅުރަށްތަކުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮށްދެމުން ކައުންސިލުން ވަނީ، ތިމާވެއްޓާއި ރަށްތައް ހިމާޔަތްކުރުމަށްޓަކައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަށް އެދިފައެވެ. ރަށްރަށް ގިރުން ހުއްޓުވުމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ވެލި ނެގުން މަނާކޮށްފައިވީ ނަމަވެސް، އެކި ކަހަލަ މަސައްކަތްތަކަށް އަދިވެސް ގަވާއިދާ ހިލާފަށް ރަށްރަށުން ވެލި ނެގުމަކީ އާންމުކޮށް ހިނގަމުންދާ ކަމެކެވެ.



