އޮސްޓްރޭލިއާގެ ނަސްލީ ތަފާތުކުރުމާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ކުރި ހުކުމް ބާތިލުކުރަން ކަނާތުފިޔައިގެ ސިޔާސީ ލީޑަރު ޕޯލީން ހެންސަން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އެ ގައުމުގެ ފެޑެރަލް ކޯޓުން ހޯމަ ދުވަހު ބޭރުކޮށްލައިފިއެވެ. ފުލް ފެޑެރަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ 2024 ވަނަ އަހަރު ހެންސަންއާ ދެކޮޅަށް ކުރި ހުކުމް ރަނގަޅު ކަމަށެވެ.
މި މައްސަލައަކީ މުސްލިމް ސެނެޓަރު މެހްރީން ފާރޫގީއަށް އަމާޒުކޮށް "ޕާކިސްތާނަށް އެނބުރި ދިއުމަށް" ބުނެ ހެންސަން ކުރި ކޮމެންޓަކާ ގުޅިގެން ފެށުނު މައްސަލައެކެވެ. ކޯޓުން ކަނޑައެޅީ އެ ކޮމެންޓަކީ ގާނޫނާއި ޚިލާފު، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުގައިވާ ވާހަކައެއް ކަމަށެވެ. އޮސްޓްރޭލިއާގެ މުސްލިމުންނާއި އެ ގައުމަށް ހިޖުރަކޮށްފައިވާ މީހުންނަށް އަމާޒުކޮށް ހެންސަން ދެއްކެވި ވާހަކަތަކަކީ އިހާނެތި އަދި ފުރައްސާރައިގެ އަމަލެއްގެ ގޮތުގައި ފަނޑިޔާރުން ވަނީ ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގެ ފެށުމަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން، "އިސްތިއުމާރީ ބާރަކަށް ހިތާމަނުކުރާނެ" ކަމަށް ބުނެ ފާރޫގީ ކުރެއްވި އެކްސް ޕޯސްޓަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ޕޯސްޓަށް ރައްދުދެމުން ހެންސަން ވަނީ ނަސްލީ ގޮތުން ތަފާތުކުރުން އެކުލެވޭ ބަސްތަކެއް ބޭނުންކޮށްފައެވެ.
ކޯޓުގެ ނިންމުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސެނެޓަރު ފާރޫގީ ވިދާޅުވީ މިއަދު އިންސާފު ގާއިމުވެއްޖެ ކަމަށެވެ. "މި ކާމިޔާބީއަކީ 'އައި ކޮޅަށް އެނބުރި ދާން' ބުނެވިފައިވާ ކޮންމެ އިންސާނަކަށް ލިބުނު ކާމިޔާބީއެއް،" އޭނާ ވިދާޅުވިއެވެ.
ޕޯލީން ހެންސަން ވަނީ ކޯޓުގެ ނިންމުމާމެދު މާޔޫސްކަން ފާޅުކޮށް، އެ މައްސަލަ އެންމެ މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އޭނާގެ ގާނޫނީ ޓީމާއެކު މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ.
ހެންސަން އިސްވެ ހުންނަވައި 1997 ވަނަ އަހަރު އުފެއްދެވި "ވަން ނޭޝަން" ޕާޓީއަކީ އިމިގްރޭޝަނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މަޝްހޫރުވެފައިވާ ޕާޓީއެކެވެ.



