އެހެން ޤައުމުތަކުގެ ބައިވެރިވުމާއެކު އިސްރާއީލާއި ދެމެދު ސަލާމަތީ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ދިމިޝްޤުން ކުރަމުންދާކަން ސީރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ ހާމަކުރައްވައިފިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ސަރަޙައްދީ ފުރިހަމަ ޞުލްޙައަކަށް މަގުފަހިކުރުމެވެ.
އިސްރާއީލުން ހިފާފައިވާ ސީރިޔާގެ ގޯލާންގެ އުސްބިންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލް-ޝަރާ ވިދާޅުވީ، މިއެއްބަސްވުމުގެ ސަބަބުން އެ ބިމުގެ މައްޗަށް ސީރިޔާއަށް އޮތް ޙައްޤަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓި، އައު ސަރުކާރު އެކުލަވާލި ފަހުން ސީރިޔާއިން ދަނީ އިސްރާއީލުން އެ ޤައުމުގެ ދެކުނަށް ދެމުންދާ ޙަމަލާތަކުން ދުރުހެލިވެ، މަޝްރަޙު ފިނިކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަވައްޓެރި ލުބުނާނުގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް އަލް-ޝަރާ ވިދާޅުވީ، ސީރިޔާގެ ސިފައިން ލުބުނާނަށް ވަދެގަތުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، އެފަދަ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އެހީތެރިވެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލުބުނާނުގައި ހަތިޔާރު ގެންގުޅުމާއި ހަނގުރާމައާއި ޞުލްޙައިގެ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު އެގައުމަށް އޮންނަންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރަޙައްދީ ނުރައްކާތަކަށް އިޝާރާތް ކުރައްވައި ރައީސް އިންޒާރު ދެއްވީ، ލުބުނާނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ސީރިޔާއަށް ކުރާނެ ކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ފުޅާވެއްޖެނަމަ، މުޅި މެދުއިރުމައްޗަށް އޭގެ ނުރައްކާ ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އަލް-ޝަރާ ވިދާޅުވީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭ ކަމަށާއި، ސީރިޔާ "ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓު" އިން އުނިކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، ކުރުދީންގެ ބާރުގެ ދަށުގައިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) އާއެކު ވެފައިވާ އެތެރޭގެ އެއްބަސްވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޙްތިރާމްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ރައީސް އިޢުލާން ކުރެއްވި އެންމެ މުހިންމު އެއް ކަމަކީ، 2011 އިން 2024 އަށް ހިނގި ދާޚިލީ ހަނގުރާމައިގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމެވެ. އދ. އިން ލަފާކުރާ ގޮތުގައި 100,000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ސީރިޔާގެ ޤައުމީ ކޮމިޝަނުން އަންދާޒާކުރާ ގޮތުގައި އެ ޢަދަދު 300,000 އަށް އަރާނެއެވެ.



