ޣައްޒާގެ އުތުރު ސަރަހައްދުގައި ހަރަކާތްތެރިވާ ހަމާސް ފުލުހުންގެ ވެރިޔާ، ބްރިގޭޑިއާ ޖެނެރަލް އަބްދުއްނާސިރު އަލްމަގާދިމާ، އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފިއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ޝޭޚް ރަޟްވާން ސަރަހައްދަށެވެ.އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އަލްމަގާދިމާއަކީ ފުލުހުންގެ އިސް މަގާމުގެ އިތުރުން ހަމާސްގެ އަސްކަރީ ގޮފީގައިވެސް މުހިންމު އަދި އިސް ދައުރެއް އަދާކުރަމުންދިޔަ ފަރާތެކެވެ.
އިސްރާއީލުން ދަނީ ހަމާސްގެ ފުލުހުންނަކީ އެ ޖަމާއަތުގެ އަސްކަރީ ގޮފީގެ މެންބަރުން ކަމަށް ބުނެ، ފުލުހުންގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ. މިކަމާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ ފުލުހުންނަށާއި އެމީހުންގެ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ އަސްލު މަގުސަދަކީ ޣައްޒާގައި އޮތް ގާނޫނީ ނިޒާމު ފުނޑުފުނޑުކޮށްލައި ހަމަނުޖެހުން އުފެއްދުން ކަމަށެވެ. އަދި މިއީ އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު މަހު ގާއިމުކުރި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށްވެސް އެ ޖަމާއަތުން ފާހަގަކުރެއެވެ.
ހޮނިހިރު ދުވަހު ދިން އިތުރު ހަމަލާތަކުގައި ނުސޭރާތު ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ މެޑިކަކު ޝަހީދުވެފައިވާއިރު، ޚާން ޔޫނިސްއިން ސާނަވީ ތައުލީމު ނިންމި ދަރިވަރެއް ކަމަށްވާ ޚާލިދު އަލްބްރައިމް ވެސް ވަނީ ޝަހީދުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި "ބްރައިމް ޝަހީދުވީ އިމްތިހާނުގެ ނަތީޖާ ލިބުމުގެ އުފާފާޅުކުރުމަށް އާއިލާއާއިއެކު ކެއުމަކަށް ދާންއުޅެނިކޮށް،" ކަމަށް މައުލޫމާތު ލިބެއެވެ.
އޮކްޓޯބަރު މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 1,180 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށްނެތް އާންމު ރައްޔިތުންނެވެ.
މިސްރު، ގަތަރު، ތުރުކީ އަދި އެމެރިކާ ގުޅިގެން ސުލްހަ ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ރޭވުމަށް މިހާތަނަށް އެދެވޭ އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
2023 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން މިހާރު ދަނީ ޣައްޒާގެ 64 އިންސައްތަ ސަރަހައްދު ކޮންޓްރޯލް ކުރަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ކުރާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.



