ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.
ޕްރިންސް މަންޞޫރު ރާއްޖެ ވަޑައިގެންނެވީ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ތަމްސީލުކުރައްވާ މަންދޫބެއްގެ ގޮތުގައެވެ. ރަސްމީ އިއްޒަތުގައި މަރުޙަބާ ދެންނެވުމަށްފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ ސަޢޫދީގެ ވެރިން ދެއްވި އެއްބާރުލެއްވުމަށް، ހާއްސަކޮށް "މައްކާ ރޫޓް އިނިޝިއޭޓިވް" މެދުވެރިކޮށް ދިވެހި ޙައްޖުވެރިންނަށް ވެދެއްވާ އެހީތެރިކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް މަންޞޫރު ވަނީ، ރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް ސަޢޫދީ އިން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުންގެ މެދުގައި ދެޤައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ މެދުވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.



