އިންޑިއާގެ މެޑިކަލް ކޮލެޖްތަކަށް ވަންނަންދޭ "ނީޓް" އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން، އެ ގައުމުގެ ތައުލީމީ ވަޒީރު ދަރްމެންދުރަ އަލްޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި "ޖެން-ޒީ" ގެ ޒުވާނުން ކުރިއަށްގެންދާ އިހުތިޖާޖުތަކުގެ ލީޑަރުންނާއެކު އިންޑިއާ ސަރުކާރުން އަލުން މަޝްވަރާތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. 2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގަތް ފަހުން، މިއީ ޒުވާނުންގެ ފަރާތުން އެމަނިކުފާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ވަނީ ބެލެވިފައެވެ.
މި އިހުތިޖާޖުތައް ފެށިގެންައީ އިމްތިހާނުގެ ކަރުދާސްތައް ލީކުވުމުގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ ދަރިވަރުން އަލުން އިމްތިހާނު ދޭންޖެހުމާ ގުޅިގެންނެވެ. މީގެ އިތުރުން ވަޒީފާ ނުލިބުމުގެ މައްސަލައާއި ކޮރަޕްޝަންގެ ތުހުމަތުތައްވެސް މުޒާހަރާގެ ބައިވެރިން ދަނީ އުފުލަމުންނެވެ. އިދިކޮޅު ޕާޓީތަކުންވެސް ވަނީ މި ހަރަކާތަށް ތާއީދުކޮށް، ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅައި ސަރުކާރަށް ޕްރެޝަރު ބޮޑުކޮށްފައެވެ.
ނިއު ދިއްލީގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވަމުންދާއިރު، ސަރުކާރުން ވަނީ މުޒާހަރާ ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދިއްލީގެ 18 މެޓްރޯ ސްޓޭޝަނެއް ބަންދުކޮށް، މޮބައިލް އިންޓަނެޓުގެ ޚިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް "ކޮކްރޯޗް ޖަނަތާ ޕާޓީ" ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ހުރަސްތަކާއެކުވެސް މަގުތަކަށް ނުކުމެފައެވެ.
މަޖިލީހާ ދިމާއަށް މިސްރާބުޖެހި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ފުލުހުން ކަރުނަގޭހާއި ފެން ޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ "އިންޓަނެޓް ކެނޑިޔަސް އަދި ބާރުގެ ބޭނުންކުރިޔަސް އިހުތިޖާޖު ހުއްޓާނުލާނެ" ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރިއަށްގެންދިޔަ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މިހާރު ވަނީ ނިންމާލާފައެވެ. އިހުތިޖާޖުކުރާ ފަރާތްތަކުގެ މައިގަނޑު ޝަރުތަކީ އިމްތިހާނު ސިސްޓަމަށް ދިމާވި މައްސަލަތަކުގެ ފުރިހަމަ ޒިންމާ ނަންގަވައި، ތައުލީމީ ވަޒީރު މަގާމުން އިސްތިއުފާ ދެއްވުމެވެ.



