ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް އަންނަ އަހަރުގެ ޖޫން މަހު އެމެރިކާގެ މެންހެޓަންގެ ފެޑެރަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް ބޭރު ގައުމެއްގެ ވެރިއެއްގެ މައްޗަށް ހިންގޭ އެންމެ ސީރިއަސް އެއް ޝަރީއަތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ސްޕެޝަލް ފޯސަސްއިން ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަށްފަހު އެމެރިކާއަށް ގެންގޮސް އުފުލާފައިވާ ދައުވާތަކަށް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަނީ އިންކާރު ކުރައްވާފައެވެ.
މަޑޫރޯގެ ދިފާއީ ވަކީލުން މަސައްކަތް ކުރަމުންދަނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން މި މައްސަލަ ބާތިލުކުރުމަށެވެ. މިގޮތުން، މިނިވަން ދައުލަތެއްގެ ވެރިއެއްގެ ހައިސިއްޔަތުން މަޑޫރޯއަށް ލިބިގެންވާ "ރައްކާތެރިކަން" ލިބެންޖެހޭނެ ކަމަށް ވަކީލުން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން މިކަމާ ދެކޮޅު ހަދައެވެ.
ކޯޓުގައި ވާހަކަފުޅު ދައްކަވަމުން މަޑޫރޯ ވަނީ އޭނާއަކީ "ހަނގުރާމައިގެ އަސީރެއް " ކަމަށް ސިފަކުރައްވާފައެވެ. މިއީ އޭނާ ހައްޔަރުކުރި ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާގެ މައްޗަށް ހިންގާ ޝަރީއަތަކީ ސިޔާސީ ކަމެއްކަން ދެއްކުމަށް ކުރެއްވި އިޝާރާތެއް ކަމަށް ބެލެވެއެވެ.
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ސިފަކުރަނީ ގައުމުގައި ހުދުމުޚުތާރު ވެރިކަމެއް ހިންގަވާ ޑިކްޓޭޓަރެއްގެ ގޮތުގައެވެ. މިގޮތުން މަޑޫރޯގެ ވެރިކަމަކީ ގާނޫނީ ހަމަތަކުން ބޭރުން ހިންގާ ވެރިކަމެއް ކަމަށް އެމެރިކާއިން ދެކެއެވެ.
ވެނެޒުއޭލާގައި 2018 އަދި 2024 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުތަކަކީ އޮޅުވާލުންތަކެއްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ އިންތިޚާބުތަކެއް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. މި ސަބަބަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން މަޑޫރޯއަކީ ވެނެޒުއޭލާގެ ރައީސް ކަމަށް ގަބޫލުކުރުމަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ.
މި މައްސަލައިގެ ޝަރީއަތް އަންނަ އަހަރު ފެށުމަަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކަށާއި ދެކުނު އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތައް އަންނާނޭ ކަމަށް ވަނީ ބެލެވިފައެވެ.



