އިންޑިއާގެ ތައުލީމީ ދާއިރާގައި ހުރި ތަފާތު އެކި މައްސަލަތައް އިސްލާހުކުރުމަށް ގޮވާލައި، ވެރިރަށް ދިއްލީގައި 26 ދުވަސް ވަންދެން މަޝްހޫރު އެކްޓިވިސްޓް އަދި ތައުލީމީ މާހިރު ސޯނަމް ވަންގްޗުކް ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފިއެވެ.
ސޯނަމް ކުރަމުންދިޔަ ހަޅުތާލު ނިންމާލާފައިވަނީ ގުރުގްރާމްގެ މެދަންތާ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނިކޮށެވެ.މި ހަޅުތާލު ނިންމާލުމުގެ ގޮތުން، އެކަމުގައި ބައިވެރިވި ފަރާތުން ވަނީ ޔޫނިއަން މިނިސްޓަރުން ކަމަށްވާ ޖޭޕީ ނައްޑާ އާއި ޖިތެންދުރަ ސިންގްގެ އަތްޕުޅުން ބުއިމެއް ބޯފައެވެ.
މި ހަޅުތާލު ނިންމާލަން ސޯނަމް ނިންމެވީ ގައުމުގެ އަމާންކަން ގެއްލި، ކުރިމަތިވެދާނެ ބޮޑެތި ހަމަނުޖެހުންތަކުން ސަލާމަތްވުމާ މެދު ދިގު މަޝްވަރާތަކެއް ކުރުމަށްފަހުގައެވެ. މީގެއިތުރުން، މުޒާހަރާގެ ބައިވެރިންނާ މެދު އެއްވެސް ގާނޫނީ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން އިމްތިހާނު ކަރުދާސް ލީކުވުމުގެ މައްސަލަތަކާއި ތައުލީމީ ދާއިރާގެ އިސްލާހުތަކާ ގުޅޭގޮތުން ގާނޫނު ހަދާ މަޖިލީހުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 'ނީޓް' އިމްތިހާނުގެ މައްސަލައިގައި އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދިނުމަށްވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
އިދާރީ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެޑިއުކޭޝަން ސެކްރެޓަރީ މަގާމުން ވަކިކުރުމުގެ އިތުރުން އިމްތިހާން ކަރުދާސް ލީކުވާ މައްސަލަތައް އަވަހަށް ބެލުމަށްޓަކައި ފާސްޓް ޓްރެކް ކޯޓެއް ވެސް ވަނީ އުފައްދާފައެވެ. މި ނިންމުންތަކަކީ ތައުލީމީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނިންމި ނިންމުންތަކެކެވެ



