މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ބާރުއަޅާފައިވަނީ ކޮންމެ އިންސާނަކީވެސް އެމީހެއްގެ ފަރުދީ، ދީނީ އަދި ޤައުމީ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ މީހެއްކަމާއި، އެ މަސްއޫލިއްޔަތުތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެކަން ހަނދާންކޮށްދިނުމުގެ މައްޗަށެވެ.
ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ އަލީގައި، ވެރިންނާއި، ފިރިން، އަނބިން އަދި މުވައްޒަފުން ހިމެނޭހެން އެކަކުވެސް އިސްތިސްނާނުވާ ގޮތަށް، ކޮންމެ މީހަކީވެސް އެމީހަކާ ހަވާލުވެފައިވާ ބެލެހެއްޓުމުގެ ޒިންމާއާ މެދު ސުވާލުވެވޭނެ މީހެއްކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ޤިޔާމަތް ދުވަހުން އިންސާނާގެ އުމުރާއި، ލިބުނު ޢިލްމާއި، މުދާ ހޯދައި ހޭދަކުރި ގޮތާއި، ހަށިގަނޑުގެ ހަކަތަ ހޭދަކުރި ގޮތާ މެދު ސުވާލުކުރެވޭނެކަން ހަނދާންކޮށްދިނެވެ.
އޭގެ އިތުރުން، ޤައުމެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށް ކަމަށާއި، ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަކީ މުޖުތަމަޢު ސަލާމަތުން އޮތުމުގެ އަސާސްކަން ބަޔާންކުރިއެވެ. އަދި އަދާކުރާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އަމާނާތްތަކަށް ރައްކާތެރިވުމަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާ އަމުރުފުޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލިއެވެ.
ޚުތުބާ ނިންމާލަމުން ވަނީ އިސްލާމީ އުއްމަތަށާއި، މުސްލިމުންނަށް، ޚާއްޞަކޮށް ފަލަސްޠީނުގެ ނިކަމެތިވެފައިވާ މުސްލިމް އަޚުންނަށް ނަޞްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށާއި، ރާއްޖޭގެ އިޤުތިޞާދާއި ދަނޑުވެރިކަމާއި މަސްވެރިކަމުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރަމުންނެވެ .



