ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ކުއްލި ގޮތަކަށް އުފުލި، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. ތެލުގެ އަގަށް މި ބަދަލު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ރަތްކަނޑުގެ ސަލާމަތީ ކަންކަމާ މެދު އުފެދުނު ބިރުވެރިކަމާ ގުޅިގެންނެވެ.
އީރާނުން ތާއީދުކުރާ ހޫތީން ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް އަލުން ހަމަލާދޭން ފެށުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ 6 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ވެސްޓް ޓެކްސަސް އިންޓާމީޑިއޭޓް ގެ އަގު 6.3 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 92.31 ޑޮލަރަށް އަރާފައެވެ.
ހޫތީންނަށް "އަސްކަރީ ބޮޑު އަދަބެއް" ދޭނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވާއިރު، އީރާނުން ބުނެފައިވަނީ އެމެރިކާއިން ހަމަލާދޭހާ ހިނދަކު ގަލްފު ސަރަހައްދަށް ހަމަލާދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ތެޔޮ ސަޕްލައިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ޚާއްޞަކޮށް ސައޫދީ އަރަބިއްޔާއިން ހޮރްމޫޒް ކަނޑުއޮޅީގެ ބަދަލުގައި ރަތްކަނޑުގެ މަގުން އެތައް މިލިއަން ފީފާ ތެލެއް އެކްސްޕޯޓް ކުރަމުންދަނިކޮށް، އެ މަގު ބަންދުވުމަކީ ދުނިޔޭގެ ބާޒާރަށް ނުކުންނަ ތެލުގެ މިންވަރު އިތުރަށް ދަށްވެ، އަގުތައް އަދިވެސް މައްޗަށް ދާނެ ކަމެކެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މާހިރުން ލަފާކުރެއެވެ. އޭގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދިއުމާއި، އެކަން ކޮންޓްރޯލް ކުރުމަށް އިންޓްރެސްޓް ރޭޓްތައް ބޮޑުކުރަން ޖެހުމަކީ ބާޒާރުގެ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.
މީގެ އިތުރުން، ސަރުކާރުތަކުގެ ބޮންޑް ޔީލްޑްސް މައްޗަށް ދިއުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުގެ ހަރަދުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިޞާދަށް ކުރާ އަސަރު ވަކިން ބޮޑުވާނެއެވެ



