މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދުގެ މަސައްކަތްތައް އެއްކޮށް ނިންމާލައި، މިއަދު ހަވީރު 4:00 އިން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މަގު ހުޅުވުމަށް ވަކި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި، މަސައްކަތް ނިމުމާއެކު ސީދާ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި އަލަށް ހެދި ޕާކިން ޒޯނުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައީ މާލޭގެ މަލަމަތި ރީތިކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށާއި، މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މުޅި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށް، 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް ތާރުއަޅާފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް އޮތް ބައިވެސް ވަނީ ތަރައްގީކޮށްފައެވެ. މި މަޝްރޫއުގެ ދެން އެންމެ އަވަހަށް ކުރިއަށްދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތެވެ.



