ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާމިރާ އިސްމާޢީލް ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ހަމައެކަނި ޖުލައި 26 ގައެވެ. އެގޮތުން، އެ ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި ހެނދުނު ބާއްވާ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
ޖުލައި 26 ވަނަ ދުވަހުގެ ރޭގަނޑު 8:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް އޮންނާނެއެވެ. މީގެއިތުރުން މަޝްހޫރު ނަޝާ ގްރޫޕްތަކާއި ބޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އެމްއެންޑީއެފްގެ ކެޕްޓަން އިސްމާޢީލް އަޙްމަދު ވިދާޅުވީ، މިނިވަން ދުވަހު އެމްއެންޑީއެފުން ހުށަހަޅައިދޭނީ ވަރަށް ފުރިހަމަ އަދި ވަރުގަދަ އައިޓަމެއް ކަމަށެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ޖުލައި 27 ގައި 2000 މީހުންގެ ޖާގައާއެކު 5 ކިލޯމީޓަރުގެ "މިނިވަން ރަން" ދުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވުމަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ. އަދި މީގެއިތުރުން ފަންނާއި ސަޤާފަތާ ބެހޭ ވުޒާރާއާއި އެންސީއޭ ގުޅިގެން ޚާއްޞަ ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.



