މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެ ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން ދިވެހި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީގެ ބެލުމުގެ ދަށުން ވަނީ ފަށާފައެވެ. ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ކުރިއަށްދާ މި މަސައްކަތުގައި ދިވެހި ރުކުގެ އިތުރުން މަގޫ ގަހާއި އެހެނިހެން ހިޔާދޭ ގަސްތައް އިންދަމުންދެއެވެ. އަދި މަޝްރޫއަށްޓަކައި ކުރިން ނެގި ހިރުނދު ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް އަލުން އެ ސަރަހައްދުގައި އިންދާފައިވާއިރު، ބައެއް ގަސްތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.
މީގެ ކުރިން މަގުތައް ހެދުމުގެ ތެރެއިން ރާއްޖޭގެ މާހައުލާ ނުގުޅޭ ކަދުރު ރުއް ފަދަ ތަކެތި އިންދާތީ އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، މިފަހަރު ދިވެހި ރުއް އިންދުމަށް އިސްކަންދީފައިވާތީ ގިނަ ބަޔަކު އެކަން އަންނަނީ ފާހަގަކުރަމުންނެވެ. ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް ދުއްވޭ ގޮތަށް ފުޅާކޮށް، ތާރުއަޅައި ނިންމާފައިވާ މި މަޝްރޫއުގެ ދަށުން 500 ސައިކަލް ޕާކުކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި މަހުގެ 26 ގައި މި މަގު ހުޅުވާއިރު، އެއީ ދުއްވާ އުޅަނދުފަހަރަށް ފަސޭހަ، އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ހިތްފަސޭހަ މާހައުލަކަށް ހެދުމެވެ.



