ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ވަރުގަދަކުރުމުގެ ގޮތުން "ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީ" މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވެލަންޑް އެއަކްރާފްޓް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއާއެކު މޯލްޑިވިއަން ވެގެންގޮސްފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަ މަރުކާގެ ބޯޓުތައް އޮޕަރޭޓްކުރާ އަދި ރާއްޖެއަށް މި އައު މޮޑެލްގެ ބޯޓު އެންމެ ފުރަތަމަ ތައާރަފުކުރާ އެއާލައިނަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ސީޕްލޭންގެ ޚިދުމަތަށް ގެންނަ މި އައު ބޯޓުތަކުގެ ސަބަބުން، އެއްގަމު ރަންވޭއެއް ނެތް މަންޒިލްތަކަށާއި ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވި ގޮތުގައި، އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ މި ބޯޓުތަކަކީ ފަތުރުވެރިންނަށާއި، ރިސޯޓުތަކަށް އަދި ދަތުރުވެރިންނަށް ލިބޭ ޚިދުމަތުގެ އިތުބާރު ބޮޑުކުރުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެކެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް ލިބޭ އަރާމާއި ހިތްހަމަޖެހުން އިތުރުވެ، ރައްކާތެރިކަމާއެކު ރަށްތައް ގުޅުވައިދިނުމަށް ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބޭނެއެވެ.
ކްލަސިކް 300-ޖީ މޮޑެލްއަކީ އެންމެ ފަހުގެ ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި ދަތުރުވެރިންނަށް ފަސޭހަވާނެ ފަދަ އިންތިޒާމުތައް ހިމެނޭ ބޯޓެކެވެ. ބޯޓުގެ ބަރުދަނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން އިތުރު ފަސިންޖަރުންނާއި މުދާ އުފުލުމުގެ ފުރުސަތު ލިބި، އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. މީގެއިތުރުން، މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ކުރު ރަންވޭތަކުން ނައްޓާލުމާއި ޖެއްސުމުގެ ގާބިލުކަން ހުރުމުގެ އިތުރުން މަރާމާތުކުރަންވެސް ފަސޭހަ ބޯޓެކެވެ.



