މި ރިޕޯޓުގައިވާ ގޮތުން، ހެލްތު މިނިސްޓްރީގެ ދަށުން ކުރިން ހިންގި ޑީއެމްއެސްއަށް 2008 ވަނަ އަހަރު ސަޕްލައިކޮށްދިންކަމަށް ބުނާ 900 ކަޅުހަމުގެ އަގާއި ޖޫރިމަނާއަށްވާ 25.3 މިލިއަން ރުފިޔާ ހޯދަން އެކުންފުނިން ހުށަހެޅިއެވެ. އެކަމަކު، އެއީ ފިނޭންސް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ދަށުން ކުރި މަސައްކަތެއްކަމަށް ބުނި ނަމަވެސް އެފަދަ ޕްރޮޖެކްޓެއް ހިންގިކަން އެނގެން ނެތްކަމަށް އޮޑިޓްގައިވެއެވެ. މީގެއިތުރުން، އެ ފައިސާ ސާބިތުކުރަން ހުށަހެޅި ލިޔެކިޔުންތަކުގައި ޑީއެމްއެސްގެ މުވައްޒަފުންގެ ގޮތުގައި ދެ ނަމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެ ނަންނަމުގައި އެއްވެސް މުވައްޒަފަކު އެއިރު ވަޒީފާ އަދާކޮށްފައިނުވާކަން ވަނީ ކަށަވަރުވެފައެވެ.
އަދި މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިންކަމަށް ބުނެ އަގާއި ޖޫރިމަނާގެ ގޮތުގައި 83.94 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލައިގައި، ޖޫރިމަނާ ނުހިމަނައި ހޯދަން އެދުނު 32.7 މިލިއަން ރުފިޔާއަކީ ނުހިންގާ މުއާމަލާތްތަކެއް ހިންގިކަން ދެއްކުމަށް އުފައްދާފައިވާ ސައްހަނޫން ލިޔެކިޔުންތަކެއްކަން އޮޑިޓަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ތަކެތި ސަޕްލައިކުރިކަން ދައްކަން ހުށަހެޅި 12.4 މިލިއަން ރުފިޔާގެ އިންވޮއިސްތަކަކީވެސް ސައްހަނޫން އިންވޮއިސްތަކެއްކަން ވަނީ ހާމަވެފައެވެ.
އެހެންކަމުން، ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސްއެއް ހަދައި، މަކަރާއި ހީލަތް ހަދާފައިވާ މި މައްސަލައިގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޖިނާއީ ތަޙުޤީޤެއް ހިންގަވައިދެއްވުމަށް އޮޑިޓަރ ޖެނެރަލް ވަނީ ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.






