އީނާސް ނަޞީރަކީ ދައުލަތުގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، މާލީ މެނޭޖުމަންޓާއި، ބަޖެޓިންގ އަދި ފައިނޭންޝަލް ރިޕޯޓިންގ ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެކެވެ. އޭނާ މިހާރު ހުންނެވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފައިނޭންސް ޑިރެކްޓަރުގެ މަޤާމުގައެވެ.
އެ ވުޒާރާގެ މާލީ ކަންކަން ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ އީނާސް ވަނީ، މީގެ ކުރިން އެ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ–ފައިނޭންސް އަދި ސީނިއަރ އެކައުންޓްސް އޮފިސަރުގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާގެ ފަންނީ ތަޖުރިބާގެ ތެރޭގައި ސެޕް ގަވަރމަންޓް އެކައުންޓިންގ، އިޕްސާސް ރިޕޯޓިންގ، ޕްރޮޖެކްޓް ފައިނޭންސް، ބަޖެޓު ތަންފީޒުކުރުން އަދި އިންޓަރނަލް ކޮންޓްރޯލްސްގެ މަސައްކަތްތައް ހިމެނެއެވެ.
ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، އީނާސް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރ އިން ފައިނޭންސްގެ ދާއިރާއިން އެމްބީއޭ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ އޭސީސީއޭ ސްކިލްސް ލެވެލް އަދި އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަންސް ކޮލިފިކޭޝަން ފުރިހަމަ ކުރައްވާފައެވެ.






