މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ނުވަތަ މިފްކޯ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ. ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އައްޔަންކޮށްފިއެވެ. ޣާޒިޔާއަކީ ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، ފިސްކަލް ރިސްކް އެނަލިސިސް އަދި ސަރުކާރުގެ ފައިނޭންސިންގ ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ.
އޭނާ މިހާރު ހުންނެވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޑެޓް މެނޭޖްމަންޓުގެ މަޤާމާއި، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަޤާމުގައެވެ.
މިފްކޯގެ ބޯޑަށް އައްޔަން ކުރެއްވުމުގެ ކުރިން ޣާޒިޔާ ވަނީ ޑެޓް ސްޓްރެޓެޖީ އެންޑް ރިސްކް މެނޭޖްމަންޓު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އޮޑިޓިންގ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު، އެކައުންޓިންގ، ފައިނޭންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ލެކްޗަރައެއްގެ ގޮތުގައިވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި އޭނާއަކީ މިހާރުވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޮން-އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ.
ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ޣާޒިޔާ ވަނީ ޗައިނާގެ ބެއިޖިންގގައި ހުންނަ ޔުނިވަރސިޓީ އޮފް އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސްއިން މާސްޓަރ އޮފް އިކޮނޮމިކްސް ހާސިލުކުރައްވާފައެވެ. އަދި އެޕްލައިޑް އެކައުންޓިންގ ދާއިރާއިން ފަސްޓް ކްލާސް ބެޗްލަރ އޮފް ސައިންސް ޑިގްރީ ހާސިލު ކުރެއްވުމުގެ އިތުރުން، އޭނާއަކީ އޭސީސީއޭ އެފިލިއޭޓެއްވެސްމެއެވެ.



