މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނުވަތަ އެމްއެފްއެމްސީ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ހއ. ތަކަންދޫ، ރަތްވިލާގެ، ޙުސައިން ޢަބްދުލްވާޙިދު އައްޔަނުކޮށްފިއެވެ. ޙުސައިން ޢަބްދުލްވާޙިދަކީ އެކައުންޓިންގ، އޮޑިޓިންގ އަދި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ މިހާރު ހުންނެވީ މާލީ ވުޒާރާގެ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓުގެ އެކައުންޓެންޓެއްގެ މަޤާމުގައެވެ. މި މަޤާމުގައި އޭނާ މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފައިނޭންޝަލް ރިޕޯޓިންގ، އެކައުންޓް ރިކޮންސިލިއޭޝަން އަދި އޮޑިޓް ކޯޑިނޭޝަންގެ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.
މީގެ ކުރިން މާލީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ސްޓޭޓް އިންޓަރނަލް އޮޑިޓުގެ މަޤާމުވެސް ފުރުއްވާފައިވާ ޙުސައިން ޢަބްދުލްވާޙިދު ވަނީ، އެ މަޤާމުގައި ހުންނަވައިގެން ސަރުކާރުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓްތައް ލީޑުކުރައްވައި މާލީ އަދި ހިންގުމުގެ ދާއިރާގެ ރިވިއުތައް ބަލަހައްޓަވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީއާއި، އައިލެންޑް ލައިން ފަދަ ކުންފުނިތަކުގެ އިސް މަޤާމުތަކުގެ އިތުރުން، މީރާ ގެ ޑެޕިއުޓީ އޮޑިޓަރެއްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ޙުސައިން ޢަބްދުލްވާޙިދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް ގެ މެންބަރެކެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެމްބީއޭ ހާސިލުކުރައްވާފައެވެ.



