ރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކަށް ހުދުކޫޑީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ހުދުކޫޑި ކޮންޓްރޯލްކުރުމުގެ މަސައްކަތް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފިޝަރީޒް މިނިސްޓްރީން ވަނީ ފަށާފައެވެ. މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން، ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑް ބޭނުންކޮށްގެން ކުރިއަށްގެންދެވުނު ތަޖުރިބާތަކެކެވެ.
ހަނިމާދޫގައި ކުރެވުނު ތަޖުރިބާތަކުން އެދެވޭ އީޖާބީ ނަތީޖާއެއް ލިބުމާ ގުޅިގެން، ރަށްރަށުގެ ކައުންސިލްތަކާ ޕެސްޓިސައިޑް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ކޮންމެ ރަށަކަށްވެސް ބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގައި ހުރި ރުއްތަކުގެ އަދަދަށް ބަލައިގެންނެވެ. މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ޕެސްޓިސައިޑް ހަވާލުކޮށް، ރުއްތަކަށް ބޭސްލުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ހއ. ބާރަށު ކައުންސިލާއެކުގައެވެ.
މިނިސްޓްރީން އިތުރަށް މައުލޫމާތު ދޭގޮތުގައި ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް ބޭސް ހަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވާފައެވެ. މިއަތޮޅުތަކުގެ ރަށްރަށުން ބޭހާ ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ކަމަށްވާއިރު، އެހެން އަތޮޅުތަކުން ބޭސް ހަވާލުކުރާނީ މާލެއިންނެވެ.
މީގެއިތުރުން، ހުދުކޫޑީގެ މައްސަލަ ބޮޑުވެގެން އެކަމަށް އެދިފައިވާ ލ. ކަލައިދޫ، ގދ. ފިޔޯރީ އަދި އައްޑޫ ސިޓީ މީދޫއަށްވެސް ޕެސްޓިސައިޑް ހަވާލުކުރުމުގެ ސިޓީތައް މިހާރު ވަނީ ފޮނުވާފައެވެ. އަދި އެހެނިހެން އަތޮޅުތަކަށްވެސް ބޭސް ހަވާލުކުރުމަށްޓަކައި ސިޓީ ފޮނުވުމުގެ އިދާރީ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.



