Saturday, October 31
ކިއުބާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތަށް ސަފީރު ރައީސް އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސް ވަނީ ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކިއުބާގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، މަތީ ތަޢުލީމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން، އދ. ގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމުންގެންދާ އެއްބާރުލުމަށް ކިއުބާގެ ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޖަނަވަރީ 1977 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު