ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އިތުރުން އައިޓީ ދާއިރާގެ ބައެއް މަޤާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބަދަލުތަކެއް ގެނެސްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ސަރކިއުލަރއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލުތަކަކީ ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުތަކުގެ ތެރެއިން ގެނެވުނު ބަދަލުތަކެކެވެ. މިގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މަޤާމުތަކަށް ކަނޑައެޅުނު އައު މުސާރައަށް ޢަމަލުކުރަން ފަށާނީ 1 އޮގަސްޓު 2026 އިން ފެށިގެންނެވެ.
އަލަށް ކަނޑައެޅުނު މުސާރައާއި އިނާޔަތްތައް:
- ޕަރމަނަންޓް ސެކްރެޓަރީ (ރޭންކު 17): އަސާސީ މުސާރަ 23,935ރ. އަދި އެގްޒެކެޓިވް އެލަވަންސް 23,065ރ.
- ސެކްރެޓަރީ ޖެނެރަލް - ސިޓީ ކައުންސިލް (ރޭންކު 17): އަސާސީ މުސާރަ 23,935ރ. އަދި އެގްޒެކެޓިވް އެލަވަންސް 23,065ރ.
- ސެކްރެޓަރީ ޖެނެރަލް - ރަށު ކައުންސިލް (ރޭންކު 16): އަސާސީ މުސާރަ 18,880ރ. އަދި އެގްޒެކެޓިވް އެލަވަންސް 6,620ރ.
- ސެކްރެޓަރީ ޖެނެރަލް - ރަށު ކައުންސިލް (ޑިޕްލޮމާ އަދި ތަޖުރިބާ): އަސާސީ މުސާރަ 10,000ރ. އަދި އެގްޒެކެޓިވް އެލަވަންސް 7,000ރ.
މި ބަދަލުތަކާއެކު، މީގެ ކުރިން މި މަޤާމުތަކަށް ލިބެމުންދިޔަ މުސާރަތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. ކުރިން ޕަރމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 53,000 އެއްހާ ރުފިޔާ ލިބެމުންދިޔައެވެ. އަދި ޑިޕްލޮމާ އިން މަތިން ކިޔަވާފައި ތިބޭ ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ކުރިން 35,000 ރުފިޔާ ލިބެމުންދިޔަ އިރު، ޑިޕްލޮމާ އާއި ތަޖުރިބާ ހުރި ސެކްރެޓަރީ ޖެނެރަލުންނަށް މީގެ ކުރިން ލިބެމުންދިޔައީ 32,000 ރުފިޔާއެވެ.
މީގެ އިތުރުން، އައި.ސީ.ޓީ ދާއިރާގެ ތިން ޖޮބް މެޓްރިކްސްއަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި އައި.ސީ.ޓީ އޮޕަރޭޝަންސް އެންޑް ޔޫސަރ ސަޕޯޓް ޓެކްނީޝަނުންނާއި، އައި.ސީ.ޓީ މެނޭޖަރުންގެ އިތުރުން އައި.ސީ.ޓީ އެނަލިސްޓުންގެ މަޤާމުތައް ހިމެނެއެވެ. މި މަޤާމުތަކުގެ މުސާރައަށް ގެނެވުނު ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ 1 ޖުލައި 2026 އިން ފެށިގެންނެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މި ބަދަލުތަކާ ގުޅިގެން މުވައްޒަފުންގެ ރެކޯޑުތައް އަދާހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުތަކުން ފެށިގެން މުސާރައާއި އިނާޔަތްތައް ދިނުމުގައި އައު އޮނިގަނޑަށް ޢަމަލުކުރުމަށް ހުރިހާ އިދާރާތަކަކަށް ވަނީ އަންގާފައެވެ.



