Thursday, November 5
ރާއްޖޭގައި އިންވެސްޓްކުރަން އިޓަލީގެ ވިޔަފާރިވެރިންނަށް މިނިސްޓަރު ސަޢީދު ދަޢުވަތު ދެއްވައިފި

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުފަތަކަށް ގެންގޮސް، ރާއްޖޭގައި ފަހިވެފައިވާ އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދައި ބެލުމަށް، އިޓަލީވިލާތުގެ ވިޔަފާރިވެރިންނަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދަޢުވަތު ދެއްވައިފިއެވެ.

ވަޒީރު މިކަމަށް ދަޢުވަތު ދެއްވީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާއި، އިޓަލީވިލާތުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

1966 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 1970 ގެ އަހަރުތަކުގެ ކުރީކޮޅު ޖޯޖް ކޯބިން ފަދަ އިޓަލީގެ އިސް ބޭފުޅުން އިސްނަންގަވައިގެން ރާއްޖެއަށް ބައިނަލްއަޤްވާމީ ފަތުރުވެރިކަން ތަޢާރަފުކުރުމަށް ކޮށްދެއްވި ޚިދުމަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަދުވެސް އިޓަލީއަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު މާކެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުންވެސް، ޒަމާނީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން އިޓަލީވިލާތުން ހޯދާފައިވާ ކާމިޔާބީތަކުގެ އަލީގައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ އަސަރުތަކުން އަރައިގަތުމަށާއި ކަނޑުގެ ވަސީލަތްތައް ޙިމާޔަތްކުރުމަށް، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ 60 އަހަރުގެ ދިގު ތާރީޚަކީ ދެ ޤައުމުގެ މެދުގައި އޮތް އިތުބާރުގެ ވަރުގަދަ ހެއްކެއްކަމަށް ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި އެކުވެރިކަން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު