ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއާ ކާގޯ ޗައިނާ 2026" ފެއާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބައިވެރިވެ، އެ ކުންފުނީގެ ޚިދުމަތްތައް ދުނިޔޭގެ ބާޒާރަށް ދައްކާލައިފިއެވެ.
ދުނިޔޭގެ ބޮޑެތި އެއާލައިންތަކާއި ލޮޖިސްޓިކްސް ދާއިރާގެ އިސްވެރިން ބައިވެރިވި މި ފެއާގެ ތެރެއިން އެމްއޭސީއެލްއިން ވަނީ ސިނާއަތުގެ ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށްގޮސްފައެވެ. އެގޮތުން އޭޝިއާގެ ބާޒާރުތަކާއެކު އޮތް ގުޅުން ބަދަހިކުރުމަށާއި، ރާއްޖެއަށް ޖައްސާ ފްރައިޓަރު ދަތުރުތައް އިތުރުކުރުމުގެ އިތުރުން، ޔޫރަޕާއި އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް ވައިގެ މަގުން މުދާ ފޮނުވުމުގެ ވިއުގަ ފުޅާކުރުމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނެވެ. މީގެއިތުރުން އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ފުރުސަތުތައްވެސް އެމްއޭސީއެލުން ވަނީ ހިއްސާކޮށްފައެވެ.
އެމްއޭސީއެލުން ފާހަގަކުރި ގޮތުގައި، އެއާޕޯޓު އޮތް ޖިއޮގްރަފިކަލް މުހިންމު ސަރަހައްދާއި، ފުޅާވަމުންދާ އެއާލައިން ނެޓްވޯކާއި ތައާރަފުކުރެވުނު މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކާއެކު ވީއައިއޭއަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް އިތުބާރު ހުރި މަރުކަޒެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވީއައިއޭއިން 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައިވާއިރު، މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %5 އާއިގާތްކުރާ ކުރިއެރުމެކެވެ. އަދި ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލައި %15 އިތުރުވެފައިވާއިރު، ފްރައިޓަރު ދަތުރުތަކުން 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލައި %174 ސާފު ކުރިއެރުމެއް ވަނީ ހޯދާފައެވެ. މީގެއިތުރުން، މިމަހުގެ 12 ވަނަ ދުވަހު އެކަނިވެސް 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއާޕޯޓުގެ ތާރީޚީ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.
ރާއްޖެ މެދުވެރިކޮށް އެންމެ ގިނައިން މުދާ ފޮނުވި ޤައުމުތަކުގެ ކުރީގައި ސްރީލަންކާ އަދި ޗައިނާ އުޅޭއިރު، ރާއްޖެ ހުރަސްކޮށް އެންމެ ގިނައިން މުދާ ގެންގޮސްފައިވަނީ އެމެރިކާއަށެވެ. އެއީ 1,618 ޓަނެވެ. ވީއައިއޭއިން 2024 ވަނަ އަހަރު ތައާރަފުކުރި "ސީ-ޓޫ-އެއާ" ޚިދުމަތުގެ ދަށުން 17 އެއާލައިނަކާ ގުޅިގެން މިހާތަނަށް 5,000 ޓަނަށްވުރެ ގިނަ ކާގޯ އުފުލާފައިވާއިރު، މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާއަށް ފޮނުވުން ހިމެނެއެވެ.



