ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި އަންހެނަކާއި ދެމެދު ބަދަލުކުރެވުނު މުއާމަލާތްތަކެއްގެ މައްސަލައިގައި ސިންގަޕޫރުގެ މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އެކްޓިން މިނިސްޓަރު އަދި 2006 ވަނަ އަހަރުން ފެށިގެން އެގައުމުގެ މަޖިލިސް މެންބަރުކަން ކުރައްވަމުން އައި އެސޯސިއޭޓް ޕްރޮފެސަރު ފައިޝަލް އިބްރާހީމް، ސަރުކާރުގެ މަގާމުންނާއި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން އިސްތިއުފާ ދެއްވައިފިއެވެ.
މި މައްސަލަ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ސަމާލުކަމަށް އައީ އެ އަންހެން މީހާގެ ފަރާތުން ބޮޑުވަޒީރުގެ އޮފީހަށް މައްސަލަ ހުށަހެޅުމުންނެވެ. ފައިޝަލް އާއި އެ އަންހެން މީހާއާ ދެމެދު ގިނަ މުއާމަލާތްތަކެއް އޮންލައިން މެސެޖުތަކުންނާއި އާންމު ހަރަކާތްތަކުގެ ހަވާސާގައި ހިންގާފައިވާއިރު، ދެ ފަރާތުންވެސް ވަނީ އެކަކު އަނެކަކަށް ފުރައްސާރައިގެ ގިނަ ތުހުމަތުތައް ކޮށްފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރުމަށްފަހު، ބޮޑުވަޒީރު ވޮންގް ވިދާޅުވީ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ޖިނާއީ ކުށެއް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް، ޖިނާއީ ކުށެއް ނެތްކަމުގައި ވީނަމަވެސް، ފައިޝަލްގެ އަމަލުތައް ހުރީ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކާ މެދު އުއްމީދުކުރެވޭ އަޚްލާޤީ މިންގަނޑުތަކާ މެދު ސުވާލު އުފެދޭ ގޮތަށް ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ފައިޝަލް ވިދާޅުވީ ޖިސްމާނީ އެއްވެސް ގުޅުމެއް ބޭއްވުމަށް ގަސްތުކޮށްފައި ނުވާއިރު އެފަދަ ގުޅުމެއް ބޭއްވުމަށް ދައުވަތު ދީފައިނުވާނެކަމަށެވެ. ނަމަވެސް މުއާމަލާތްތައް ކުރިއަށްގެންދިޔަ ގޮތުންނާއި، ސާފު އިންތަކެއް ކަނޑައެޅުމުގައި ގޯސް ހީތަކެއްގެ މައްޗަށް ކަންކަން ނިންމެވުނުކަމަށް ގަބޫލުކުރައްވައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސާފުކަމުގައި "ހުދަށް ވުރެ ވެސް ހުދު" ކަމަށް ބުނާ ސިންގަޕޫރުގެ ޕީއޭޕީގައި މިފަދަ އަޚްލާޤީ މައްސަލަތަކުގައި މަގާމުން ވަކިވުން ވަނީ އާންމު އުސޫލަކަށް ވެފައެވެ.
މި ހާދިސާއިން ދައްކުވައިދެނީ ދުނިޔޭގެ ޤައުމުތަކާއި ދިވެހިރާއްޖޭގައި ސިޔާސީ "އަޚްލާޤީ މިންގަނޑު" ހިފަހައްޓާ ގޮތުގެ ތަފާތު ބޮޑުކަމެވެ. ބޭރުގެ ގައުމުތަކުގައި ޖިނާއީ ކުށެއް ސާބިތު ނުވި ނަމަވެސް، އާންމުންގެ އިތުބާރު ގެއްލޭ ފަދަ ނުވަތަ އަޚްލާޤީ މިންގަނޑާ ހިލާފު ކަމެއް ކުރެވިއްޖެނަމަ، އަމިއްލައަށް އިސްތިއުފާ ދިނުމަކީ ނިޒާމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ކުރާ ކަމެކެވެ.
ސިންގަޕޫރުގެ މި ނިންމުމަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސުލޫކާއި އަޚްލާޤީ މިންގަނޑު ހުންނަންޖެހޭނެ ގޮތުގެ އަލިގަދަ މިސާލެކެވެ.



