ބަޖެޓު ކުރި ވަރަށް ވުރެ ސަބްސިޑީ ޚަރަދުތައް ބޮޑުތަނުން އިތުރުވީ އީރާނު ހަނގުރާމައާ ގުޅިގެން ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރަންޖެހުނު ޚަރަދުތައް އަންދާޒާ ކުރި މިންވަރަށް ވުރެ މަތިވުމުންނެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ވަކިވަކި ސަބްސިޑީތަކަށް ހިނގި ޚަރަދު ތަފުސީލުކޮށްފައި ނުވާތީ، ވަކިވަކި ދާއިރާތަކުން އިތުރުވި މިންވަރު ސާފެއް ނޫނެވެ.
މިއީ ފަހުގެ އަހަރުތަކުގައި ތަކުރާރުވަމުންދާ މައްސަލައަކަށް ވާއިރު، ބަޖެޓުގެ އެހެން ދާއިރާތަކުން ފައިސާ އުނިކޮށްގެން ސަބްސިޑީއަށް ޚަރަދުކުރަން މަޖުބޫރުވަނީ އިސްރާފު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވުމުންނެވެ. ވޭތުވެދިޔަ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުންވެސް ސަބްސިޑީތައް ހަމައެކަނި ކޮންމެހެން ބޭނުންޖެހޭ މީހުންނަށް ދިނުމަށް ބަޖެޓުގައި ހިމެނި ނަމަވެސް، އެ ފިޔަވަޅު އަމަލީ ގޮތުން އަޅާފައެއް ނުވެއެވެ.
މި ސަރުކާރުންވެސް ސަބްސިޑީ ޓާގެޓުކުރުމާއި އާސަންދަ ރިފޯމްކޮށްގެން 7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަހަރުގެ ކުރީކޮޅު އެ ރިފޯމުތައް ތަންފީޒު ނުކުރަން ނިންމެވިކަން އިއުލާންކުރައްވާފައެވެ. ދައުލަތަށް ބޮޑު ބުރައަކަށްވެފައިވާ ސަބްސިޑީ ނިޒާމު އިސްލާހުކޮށް، އެހީތައް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ފޯރުކޮށްދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ޤައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އިންވެސް ވަނީ ފަހުން ލަފާދީފައެވެ.






