އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ފާހަގަކުރެއްވި ގޮތުގައި، އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި 6 ވަނަ ޤައުމެވެ. މީގެ ކުރިން ރާއްޖެއިން ވަނީ އެފްރިކާގެ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާއެކުވެސް މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި އެއްބަސްވުން ގާއިމުކުރެވިގެން މިދިޔައީ އެފްރިކާގައި އެންމެ ހަލުވިކަމާއެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ޤައުމު ކަމަށްވާ އިތިއޯޕިއާގެ ޤައުމީ އެއާލައިން، އަދި އެ ބައްރުގެ އެންމެ ބޮޑު ވިއުގަ އޮތް އިތިއޯޕިއަން އެއާލައިންސް އިން އެ ޤައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ. އެގޮތުން އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތަކުގެ އިތުރުން، ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އަށްވެސް އިތިއޯޕިއާއަށް ދަތުރުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކާ ރާއްޖެ ގުޅާލުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވިގެންދާނެތީ، މި އެއްބަސްވުމުގެ މަންފާ އެންމެ ފުރިހަމައަށް ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށާއި ވިޔަފާރިވެރިންނަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.






