Friday, October 23
ސްޕެއިންއިން ވަރލްޑް ކަޕް ކާމިޔާބުކުރުމުން ރައީސް މުޢިއްޒު މަރުޙަބާ ފޮނުއްވައިފި
ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވަރލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، އެޤައުމުގެ ރަސްގެފާނު ފެލީޕޭ 6 ވަނައަށާއި ބޮޑުވަޒީރު ޕޭދްރޯ ސަންޗެޘަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ތާރީޚީ ކާމިޔާބީއަކީ ސްޕެއިން ޓީމުގެ މޮޅު ކުޅުމާއި، ހުނަރާއި، މަސައްކަތްތެރިކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސްޕެއިންގެ މި ކާމިޔާބީ މުޅި ރާއްޖޭގައި އުފަލާއެކު ފާހަގަކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅު ނިންމަވާލައްވާފައިވަނީ ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، އެޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު