Friday, October 23
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، ދަ ރައިޓް އޮނަރަބަލް އެންޑްރޫ (އެންޑީ) ބަރނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އައު ބޮޑުވަޒީރަށް އެ މަތިކުރެވުނު މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުމަށް ދިވެހި ސަރުކާރުން އިސްކަންދޭ މިންވަރު ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިނގިރޭސިވިލާތުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އައު ބޮޑުވަޒީރު ބަރނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ކުރިއަށް އޮތް ތަނުގައި ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ސިޓީފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރަށް ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސި ރައްޔިތުންނަށް ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.

އުމުރުފުޅުން 56 އަހަރުގެ އެންޑީ ބަރނަމް އަކީ އިނގިރޭސި ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ސިޔާސީ ޙަޔާތްޕުޅުގައި ގޯޑަން ބްރައުންގެ ސަރުކާރުގައި ހެލްތު ސެކްރެޓަރީ ކަމާއި، ކަލްޗަރ ސެކްރެޓަރީކަން ކުރައްވާފައިވާ ބަރނަމް ވަނީ 2017 އިން ފެށިގެން މޭޔަރުގެ ގޮތުގައި ގްރޭޓަރ މަންޗެސްޓަރއަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު