ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރައްޒާގު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި:
- އާ އޯޕީޑީ އަދި ކްލިނިކްތައް: ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްސަ އޯޕީޑީ، ޔޫރޮލޮޖީގެ ޚިދުމަތް، އީއީޖީ ގެ ޚިދުމަތް، ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކް އަދި ގްލޮކޯމާ ފަރުވާގެ ޚިދުމަތް.
- ލޭގެ ޓެސްޓުތައް: ލޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ "ގޯލްޑް ސްޓޭންޑާޑް" ޓެސްޓުތައް. މީގެ ސަބަބުން އެޗްއައިވީ ފަދަ ޓެސްޓުތަކުގެ ނަތީޖާ ކުރިއަށްވުރެ އަވަހަށް ލިބިގެންދާނެއެވެ.
- ކެންސަރުގެ ފަރުވާ: ހޮސްޕިޓަލުން މިހާރު ފޯރުކޮށްދޭ ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުން.
ސީއީއޯ ފާހަގަކުރެއްވި ގޮތުގައި މި އާ ޚިދުމަތްތަކާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އައިޖީއެމްއެޗަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.






