ސްކޫލް ބަންދާ ދިމާކޮށް މި މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ދެއްވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ، އެކި ޖަމާއަތްތަކާއި އަމިއްލަ ގޮތުން އުމްރާއަށް ގޮސް އުޅޭ ދިވެހިންގެ އަދަދު 4،000 އިން މައްޗަށް އަރާފައިވާއިރު، އެ ހުރިހާ ފަރާތްތަކުގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ބަންދު ދުވަސްތަކާ ދިމާކޮށް އުމްރާއަށް ދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ ސްކޫލު ބަންދުގައިވެސް 7،000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ. މިފަހަރުވެސް އުމްރާވެރިން ގޮސްފައިވަނީ އަމިއްލަ ގްރޫޕުތަކާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
އުމްރާވެރިންނަށް ދެވޭ ހިދުމަތްތައް ފުޅާވެފައިވާއިރު، މައްކާއާއި މަދީނާއާ ދެމެދު ދަތުރުކުރާ ހައި-ސްޕީޑް ރޭލުގެ ހިދުމަތާއި، ސައޫދީގައި ތިބޭއިރު ދިވެހި ކެއުންތައް ލިބޭނެ އިންތިޒާމު މިހާރު ގްރޫޕުތަކުން ހަމަޖައްސައިދެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތާއި ކުޑަކުދިންނަށް ބާއްވާ ދީނީ ހަރަކާތްތަކަކީވެސް މިހާރު އުމްރާ ދަތުރުތަކުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.



