"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވި ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. މި ބައްދަލުވުމަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި އާދަކާދަ އަލުން އިޢާދަކޮށް އާލާކުރުމަށްޓަކައި، ވީހާވެސް ގިނަ ބައެއްގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަޤްޞަދުގައި އެ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ ތެރޭގައި ހުރި އިސްލާމީ ރިވެތި އަދަބު އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މަތިވެރި ސިފަތައް މުޖުތަމަޢުގައި އަލުން އަށަގަންނުވުން ކަމަށެވެ. އަދި މިފަދަ މަޝްރޫޢެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މުޅި މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުމާއި ޚިޔާލު ހިމެނުމަކީ ނުހަނު މުހިންމު ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް ޤަދަރުކުރާ، އިޙްތިރާމްކުރާ، އަދި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ތަނަކަށް ހެދުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެކެވެ.
މި ބައްދަލުވުމުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލުގެ މެންބަރުންނާއި، ވުޒާރާގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ ޖަމްޢިއްޔާތަކާއި، ކްލަބްތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުން ނިމިގެންދިޔައީ ބައިވެރިވި ފަރާތްތަކުން އެކި ގްރޫޕްތަކަށް ބެހިގެން މަޝްވަރާކުރުމަށްފަހު، އެ ފަރާތްތަކުގެ ޚިޔާލުތައް ހިމެނޭ ގްރޫޕް ޕްރެޒެންޓޭޝަންތައް ހުށަހެޅުމާ އެކުގައެވެ. މި ހުށަހެޅުންތަކުގެ އަލީގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތްތައް އިތުރަށް ތަރުތީބުކުރެވިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.



