އެމެރިކާއާއެކު ކުރިއަށްދާ ހަނގުރާމަ އީރާނުން ހުއްޓުމަކަށްގެންނާނީ ހަނގުރާމައިގެ މައިދާނުގައި އެ ގައުމަށް "ކުރިލިބި، ކާމިޔާބުހޯދޭ ހިސާބުން" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރްއެންއޭ) އަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވަނީ މިކަމާ ގުޅޭގޮތުން އެ ގައުމުގެ ސިޔާސަތު ހާމަކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ނުރައްކާތެރި ދަނޑިވަޅުތަކުގައި ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ ހަމަލާތައް ހުއްޓާލައި، ސުލްހައިގެ މަޝްވަރާތައް ފަށާނެ އެންމެ ރަނގަޅު ވަގުތު ކަނޑައެޅުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައެއް ނިންމާލެވެނީ ސީދާ އަސްކަރީ ކާމިޔާބީއަކުން ނުވަތަ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިންނެވެ.
"މަޝްވަރާތަކަށް އެންމެ އެކަށީގެންވާ ވަގުތަކީ އަސްކަރީ މައިދާނުގައި ކުރި ލިބި، އިސްތިރާތީޖީ ގޮތުން އިތުބާރު ހުރި ކާމިޔާބީއެއް ހޯދޭ ހިސާބު،" އަރާގްޗީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފުރާނައާއި މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަންކަމުގައި ނުރައްކާތެރި އަދި ކުއްލި ނިންމުންތަކާއި ސިއްސައިގެންދާ ފަދަ ރިސްކު ނެގުން ރަނގަޅު ނޫން ކަމަށެވެ. އަދި ކޮންމެ ނިންމުމެއްވެސް ނިންމަންޖެހެނީ ވަރަށް ފުރިހަމައަށް ހިސާބުތައް ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ވެރިން އަބަދުވެސް ވިސްނަންޖެހޭނީ ހަނގުރާމަ ކުރިއަށް ގެންދިއުމުން ލިބޭނެ ފައިދާތަކާއި، އޭގެ ސަބަބުން ގައުމަށާއި އިންސާނީ ފުރާނަތަކަށް ލިބޭނެ ބޮޑެތި ގެއްލުންތައް އަޅާކިޔައިގެން ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
އަރާގްޗީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ގެއްލުންތަކާ ކުރިމަތިލާންޖެހުނު ކަމުގައިވީނަމަވެސް، މި ހަނގުރާމައިގެ ތެރެއިން އީރާނުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ނިންމުންތައް ނިންމާ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވި، ގައުމީ ނިޒާމުގެ ވަރުގަދަކަން ސާބިތުކޮށްދީފައި ކަމަށެވެ



