Thursday, November 5
ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު ފަތިހު 04:05 ހާއިރު ރިޕޯޓް ކުރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ މި މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު