މާލެ ސަރަހައްދުގައި ހަފުތާއެއްގެ ތެރޭގައި ހިނގި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ފުލުހުން އަނބުރާ ހޯދައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މަހުގެ 5 އިން 11 ގެ ނިޔަލަށް ޖުމުލަ 838,434 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 826,730 ރުފިޔާ ވަނީ ހޯދިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ގެއްލިގެން ރިޕޯޓުކުރީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެއީ 407,553 ރުފިޔާއެވެ. މީގެ އިތުރުން ގަލޮޅު ޕޮލިހަށް 203,968 ރުފިޔާ، ހެންވޭރު ޕޮލިހަށް 200,578 ރުފިޔާ، އަދި އެއާޕޯޓާއި ޓޫރިސްޓު ޕޮލިހަށް 26,335 ރުފިޔާ ގެއްލިގެން ރިޕޯޓުކުރިއެވެ.
ފައިސާ ހޯދުމުގެ މަސައްކަތްތަކަށް ބަލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެއްލުނު ހުރިހާ ފައިސާއެއް އެއްކޮށް ވަނީ ހޯދާފައެވެ. އަދި މާފަންނު ޕޮލިހުން 396,888 ރުފިޔާ، ހެންވޭރު ޕޮލިހުން 175,250 ރުފިޔާ، އަދި ގަލޮޅު ޕޮލިހުން 225,215 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މީގެ އިތުރުން، ކުރިން ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައެއްގައި ހިމެނޭ 3,042 ރުފިޔާވެސް މި މުއްދަތުގައި ވަނީ ރިކަވާ ކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ކާމިޔާބީން ދައްކުވައިދެނީ، މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މުދަލާއި ފައިސާ ހޯދައިދިނުމަށް ފުލުހުންގެ ޓީމުތަކުން ކުރަމުންދާ ބުރަ މަސައްކަތެވެ. އަދި މުޖުތަމައުއަށް ހިދުމަތްކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.



