ގިނަ ފަތުރުވެރިން ރާއްޖެ ޚިޔާރުކުރާ މައިގަނޑު ސަބަބަކީ ސާފު ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަމެވެ. އެގޮތުން 11 އިންސައްތަ މީހުން މި ސަބަބަށްޓަކައި އަންނައިރު، 5 އިންސައްތަ މީހުން ރާއްޖެ އަންނަނީ އަމާން މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށެވެ. މީގެ އިތުރުން، ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ މީހުން ދުރާލައި ދަތުރުތައް ރާވާއިރު، ގިނަ މީހުން ދަތުރު ރާވަނީ 3 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ކުރިންނެވެ.
މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 73 އިންސައްތައަކީ ރާއްޖެއަށް އަލަށް އައި މީހުންނެވެ. 20 އިންސައްތަ މީހުން 2 ފަހަރާއި 5 ފަހަރާ ދެމެދު އައިސްފައިވާއިރު، 3 އިންސައްތަ މީހުން ވަނީ 10 ފަހަރަށް ވުރެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި 77 އިންސައްތަ މީހުން ރާއްޖޭގެ ތަޖުރިބާއާ މެދު ހިތްހަމަޖެހޭއިރު، 84 އިންސައްތަ މީހުން އަލުން ރާއްޖެ އަންނަން ބޭނުންވެއެވެ. މީގެ އިތުރުން 57 އިންސައްތަ މީހުން ބުނީ ރާއްޖެއިން ކުރެވުނު ތަޖުރިބާ ހީކުރި ވަރަށް ވުރެ މާ ރަނގަޅު ކަމަށެވެ.
ނަމަވެސް، އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 1.17 މިލިއަން ފަތުރުވެރިންނެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ. މި މަހު މިހާތަނަށް 104,040 މީހުން އައިސްފައިވާއިރު، މިއީ އާންމުކޮށްވެސް ފަތުރުވެރިން މަދު ދުވަސްވަރެކެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައެވެ. އެގޮތުން މާރިޗު މަހު 20.7 އިންސައްތަ އަދި އޭޕްރިލް މަހު 24.4 އިންސައްތަ ފަތުރުވެރިން ދަށްވިއެވެ. މެއި މަހު 1.7 އިންސައްތައިގެ ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން މަހު އަނެއްކާވެސް ވަނީ 12 އިންސައްތަ ދަށްވެފައެވެ. މިކަމުގެ ސަބަބުން ޤައުމަށް ޑޮލަރު ލިބޭ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.






