ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ މެއި މަހު ޓްރާންސްޕޯޓް އިންފްލޭޝަން 9.3 ޕަސެންޓަށް މައްޗަށް ހިނގައްޖެއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މިއީ އޭޕްރީލް މަހު ހުރި 8.2 ޕަސެންޓާ އަޅާބަލާއިރު 1.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އޭގެ ކުރީ މާޗް މަހު މި އަދަދު ހުރީ ހަ ޕަސެންޓުގައެވެ. ދަތުރުފަތުރުގެ އަގުތައް މިހާ ބޮޑަށް އުފުލެން ދިމާވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސް، ވައިގެ ދަތުރުފަތުރުގެ ޓިކެޓުގެ އަގުތައް އެތައް ގުނައަކަށް އުފުލުމުންނެވެ. އެގޮތުން މި މުއްދަތުގައި ފްލައިޓް ޓިކެޓުގެ އަގުތަކަށް 5.6 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ޓްރާންސްޕޯޓް އިންފްލޭޝަން ހުރީ އެންމެ 0.6 ޕަސެންޓުގައެވެ. އެހެންކަމުން މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 1،500 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީއާ ހަމައަށް ދަތުރުފަތުރުގެ އަގުތައް ދަށަށް ދިއުމަށްފަހު، މިހާރު މި ފެންނަނީ ފާއިތުވި ފަސް އަހަރު ތެރޭގައިވެސް އަގުތައް އެންމެ ބޮޑަށް އުފުލުނު ދުވަސްވަރެވެ.
މިދިޔަ އަހަރު ނިމުނުއިރު އަގުތައް 0.7 ޕަސެންޓަށް ދަށަށް ދިޔައިރު، މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުވެސް ހުރީ 1.3 ޕަސެންޓަށް ވެއްޓިފައެވެ. މި އަހަރުގެ އިތުރުން ފަހުގެ ތާރީހެއްގައި ދަތުރުފަތުރުގެ އަގުތައް އެންމެ ބޮޑަށް މައްޗަށް ދިޔައީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ޓްރާންސްޕޯޓް އިންފްލޭޝަން ހުރީ ހަ ޕަސެންޓުގައެވެ.



