މާލޭ ނޯތު ހާބަރު ސަރަހައްދުން ބޯޓުފަހަރަށް މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު 6 ޖާގަ ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ނިންމާ، އެކަން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިއީ ބަނދަރުގެ ހިދުމަތްތައް ހަރުދަނާކޮށް، އަތޮޅުތެރެއަށް މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު އައްޒާމް ޝަރީފް ވިދާޅުވީ، ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމަށް އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ފަދަ ބޮޑެތި ކުންފުނިތަކަށް މިހާރުވެސް އެ ސަރަހައްދުން ޖާގަ ދީފައިވާ ކަމަށެވެ. އަދި އަލަށް ދޫކުރާ 6 ޖާގައަކީ ކުރިން ކެފޭއެއް ހިންގި އިމާރާތުގެ ތިރީ ބައި ވިޔަފާރިތަކަށް ހާއްސަކޮށްގެން، ބިޑް އުސޫލުން ދޫކުރާ ޖާގަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޖާގަތައް ކާމިޔާބުކުރާ ފަރާތްތަކަށް ބަނދަރު ސަރަހައްދުގައި މުދާ ގުދަންކޮށްގެން ބޯޓުފަހަރަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ. މިކަމުގެ ސަބަބުން ދުރުގައި ހުންނަ ފިހާރަތަކުން މުދާ ގެނައުމުގެ ބަދަލުގައި ސީދާ ބަނދަރުން މުދާ ލިބެން ހުރުމަކީ ވިޔަފާރިވެރިންނަށާއި އޮޑިވެރިންނަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ. މި ސްލޮޓްތައް ދޫކުރުމުގައި ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް އައްޒާމް ފާހަގަކުރެއްވިއެވެ.
އެމްޕީއެލްގެ މައިގަނޑު މަގުސަދަކީ ކުރު މުއްދަތެއްގެ ތެރޭގައި އަދި އެކަށީގެންވާ ހެޔޮ އަގުގައި ބޯޓުފަހަރަށް މުދާ ފޯރުކޮށްދީ، އަމިއްލަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. މި ބަދަލާއެކު ނޯތު ހާބަރުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.



