އެންޓިބަޔޮޓިކަށް ބޭސް ނުގުޑުން ނުވަތަ އެންޓިބަޔޮޓިކް ރެސިސްޓަންސްގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއްގެ ބޭސްތައް ރާއްޖޭގައި ލިބެން ހުންނަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މި ބޮޑު ސިއްހީ މައްސަލައިން ސަލާމަތްވުމަށްޓަކައި ސިއްހީ ދާއިރާގެ އިދާރާތަކާ ގުޅިގެން ފަންނީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވަކި އެންޓިބަޔޮޓިކަކަށް ބަލިމީހާ ނުގުޑާ ހާލަތްތަކުގައި ބޭނުންކުރަންޖެހޭ ސެކަންޑް ލައިން ބޭސްތައް ރާއްޖޭގެ ސްޓޮކްގައި ހުރުމަކީ ބަލިމީހާ އަވަހަށް ބަލިން ފަސޭހަވުމަށާއި، ރާއްޖޭގައި ރެސިސްޓަންސް މައްސަލަ ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބޭހުގެ ސްޓޮކް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ "އެސެންޝަލް މެޑިސިން" ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން "އެޕްރޫވްޑް ޑްރަގް" ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން ޑޮކްޓަރުން އެންމެ ގިނައިން ލިޔެދޭ ބޭސްތައް ދެނެގަނެ، އެ ލިސްޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ދަނީ ކުރަމުންނެވެ.
ޑރ. ޝާހު ވިދާޅުވި ގޮތުގައި ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ކުރިއާލާ ދެނެގަނެވިގެންނެވެ. އެކަމަށްޓަކައި ގާއިމުކުރާ އެންޓަޕްރައިސް ރިސޯސަސް މެނޭޖްމަންޓް އަދި އީ-ލޮޖިސްޓިކް ސިސްޓަމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ޑިޖިޓަލް ސިސްޓަމްގެ އެހީގައި ކުދި ރަށްރަށުގައި ދާއިމީ ބަލިތަކަށް މިސާލަކަށް ހަކުރު ބަލި ބޭސްކުރާ މީހުންގެ އަދަދު ދެނެގަނެވި، މެދުކެނޑުމެއްނެތި ބޭސް ސްޓޮކް ކުރެވޭނެއެވެ.
ރަށްރަށުގެ ސިއްހީ ހާލަތު ރަނގަޅުކޮށް، ބޭސް އިސްރާފުވުން ކުޑަކުރުމަށްޓަކައި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ޑޮކްޓަރުންނާ މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ޑރ. ޝާހު ވިދާޅުވިއެވެ. މި މަސައްކަތުގެ ބޭނުމަކީ އެ ރަށެއްގެ އާބާދީއަށް އެންމެ ބޮޑަށް ބޭނުންވާ ބޭސްތައް ދެނެގަނެ، ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.



