ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް އިސްރާއީލުން ޣައިރުގާނޫނީ ގޮތުން ގެދޮރުވެރިކޮށްފައިވާ މީހުން ދިން ހަމަލާއެއްގައި ބަޑީގެ ޒަޚަމްތައް ލިބުނު ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ، އެއް ހަފުތާ ފަހުން ނިޔާވެއްޖެއެވެ. އުމުރުން އެންމެ 17 އަހަރުގެ ފާދީ ޙަމްދުﷲ އައްނައްސާން ނިޔާވީ މިދިޔަ ޖުލައި 11 ވަނަ ދުވަހު އޭނާގެ އުފަން އަވަށެއް ކަމަށްވާ އަލްމުޣައްޔިރުގައި ހިނގި ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުއެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، ސެޓްލަރުން އަވަށަށް ހަމަލާދެމުން ދިޔަ ވަގުތު އިސްރާއީލު ސިފައިން ޖެހި ބަޑިއަކުން ފާދީގެ ފަލަމަސްގަނޑަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. މި އަނިޔާތަކާ ގުޅިގެން ފަހުން އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ނަމަވެސް، ލިބުނު ޒަޚަމްތަކުން ސަލާމަތްނުވެ އޭނާ ވަނީ ޝަހީދުވެފައެވެ. ފާދީގެ ބައްޕަ ޙަމްދުﷲ އައްނައްސާން ބުނިގޮތުގައި، ހަމަލާ ދިން ވަގުތު އަންހެން ކުދިންނާއި އަންހެނުން ހަޅޭއްލަވާ އަޑު އިވުމުން، ފާދީ ދުވެފައި ދިޔައީ އެ މީހުން ސަލާމަތްކުރުމަށެވެ.
ފާދީގެ މަންމަ ހަނާން ސިފަކުރި ގޮތުގައި އޭނާއަކީ ކިޔެވުމަށް މޮޅު، ފުޓްބޯޅައަށް ލޯބިކުރާ އަދި އެންމެންގެ މަގްބޫލުކަން ހޯދާފައިވާ ކުއްޖެކެވެ. ފާދީއަކީ އަލްމުޣައްޔިރު ކްލަބަށް ކުޅުމުގެ އިތުރުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުޅިވަރު އާއިލާއިން ޝަހީދުވި މީހުންގެ އަދަދު 1,013 އަށް އަރާފައިވާ ކަމަށެވެ. މީގެ ތެރެއިން 568 މީހުންނަކީ ސީދާ ފުޓްބޯޅައިގެ ތެރެއިން ޝަހީދުވި މީހުންނެވެ.
ފާދީ ނިޔާވި ދުވަހުވެސް ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލު ސިފައިންނާއި ސެޓްލަރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ރާމަﷲ ކައިރީގައި އޮންނަ ޑެއިރު ގައްދީސް އަވަށުގައި ދަނޑުވެރިންނަށް އަމާޒުކޮށް ބަޑިޖަހާ، ކަރުނަގޭސް އުކުމުގެ ސަބަބުން ޒައިތޫނި ދަނޑުތަކެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން، ނާބުލުސް ކައިރީގައި އޮންނަ ތަލް އަވަށުގައި ސެޓްލަރުންގެ ގްރޫޕަކުން ފަލަސްތީނުގެ އާއިލާއެއްގެ ގޭގައި ރޯކޮށްލާ، އެ ގެ އެއްކޮށް އަޅިއަށް ހަދާލާފައިވާއިރު، ޖެނިން ކައިރީގައިވާ ޔަޢުބަދު އަދި މިޘްލޫން އަވަށުގެ ގެތަކަށް އިސްރާއީލު ސިފައިން ވަނީ ރޭޑްކޮށް އާންމުންނަށް ބިރުދައްކާފައެވެ. މި ހާދިސާތަކާއެކު، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިންނާއި ސެޓްލަރުން ހިންގަމުންދާ ލޭއޮހޮރުވުންތަކުގެ މައްސަލަ ވަނީ އަނެއްކާވެސް ބޮޑުވެފައެވެ.
އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސިފަކުރާގޮތުގައި އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދަނީ ނަސްލީ ތަފާތުކުރުމުގެ ލޭއޮހޮރުވުން ބޮޑު ނިޒާމެކެވެ. ފާދީގެ މަރުގެ ހާދިސާއަކީ މި ނިޒާމުގެ ތެރެއިން ފަލަސްތީނުގެ ޒުވާން ޖީލަށް ކުރިމަތިވަމުންދާ ނުރައްކަލުގެ އިތުރު ހެއްކެކެވެ.



